ސިޔާސީ

މުއިއްޒަށް ބޮޑު ކަޓެއް ލިބޭގޮތަށް މަގުއްދުވާ ވިއްކާލުމަށް އެމްޓީޑީސީގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ނަގަނީ

ހއ

ހުސެއިން އާދަމް

11 އޯގަސްޓް 2026
15:31
މުއިއްޒަށް ބޮޑު ކަޓެއް ލިބޭގޮތަށް މަގުއްދުވާ ވިއްކާލުމަށް އެމްޓީޑީސީގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ނަގަނީ

ޓޫރިޒަމް ސިނާއަތުން އާންމު ރައްޔިތުންނަށް މަންފާ ހޯދައިދިނުމުގެ މަގުސަދުގައި އުފައްދާފައިވާ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ނެގުމަށް ބޮޑު ރޭވުމެއް ރާވަމުންދާކަމުގެ މައުލޫމާތު ލިބިއްޖެއެވެ. މިކަމުގެ އަޑީގައި އޮތީ ގދ. މަގުއްދުވާގެ ހެޑްލީސް ނުއަގުގައި ވިއްކާލައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑު "ކަޓެއް" ލިބޭނެ ގޮތް ހެދުން ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ބުނެފިއެވެ.

އެމްޓީޑީސީއަކީ ސަރުކާރުން އުފެއްދި ކުންފުނިތަކުގެ ތެރެއިން އާންމުންގެ މެޖޯރިޓީ ހިއްސާ އޮންނަ ހަމައެކަނި ކުންފުންޏެވެ. މިހާރު އެ ކުންފުނީގެ 53 އިންސައްތަ ހިއްސާ އާންމުންގެ އަތުގައި އޮތްއިރު، ސަރުކާރުގެ ހިއްސާއަކީ 47 އިންސައްތައެވެ. ނަމަވެސް، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ހިއްސާ ވިއްކުމުގެ ދެވަނަ ބުރަކަށް ގޮސް، ހިއްސާގެ ކޮމްޕޮޒިޝަން ބަދަލުކޮށް ކުންފުނީގެ ކޮންޓްރޯލް ސަރުކާރުގެ ދަށަށް ގެނައުމަށެވެ.

މި ބަދަލު ގެންނަން ބޭނުންވާ މައިގަނޑު ސަބަބަކީ، އެމްޓީޑީސީގެ ބޯޑުގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރަށް ނެތުމުން، ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމަށް ހުރަސްތަކެއް ކުރިމަތިވުމެވެ. އެމްޓީޑީސީގެ ބޯޑުގައި ތިބޭ 9 މެންބަރުންގެ ތެރެއިން 5 މެންބަރުންނަކީ އާންމު ހިއްސާދާރުން ތަމްސީލުކުރާ މީހުންނެވެ. އެހެންކަމުން، ސަރުކާރުން ބޭނުންވާ ސިޔާސީ އަދި ޒާތީ ނިންމުންތައް ފާސްކުރެވެނީ އެ މެންބަރުންގެ ރުހުން ލިބިގެންނެވެ.

މި މުއާމަލާތުގެ އެންމެ ނުރައްކާތެރި ބަޔަކީ، އެމްޓީޑީސީއަށް ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑްލީސް، އެ ރަށުގައި "އަޔާޑާ މޯލްޑިވްސް" ހިންގަމުންދާ ތުރުކީގެ އަހްމެޓް އައިޑެނިޒް ކުންފުންޏަށް ނުއަގުގައި ވިއްކާލުމަށް ކުރާ މަސައްކަތެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒު މަގާމުން ވަކިކުރީވެސް، މި ރަށް ދޫކޮށްލުމުގެ މުއާމަލާތުގައި ސޮއިކުރަން އޭނާ ދެކޮޅު ހެދުމުންނެވެ.

އާ އެމްޑީ ހާރިސް މުހައްމަދު އައްޔަންކުރުމަށްފަހު، މި މުއާމަލާތް ބޯޑަށް ހުށަހެޅި ނަމަވެސް، ސަރުކާރުގެ މެޖޯރިޓީ ބޯޑުގައި ނެތުމުން އެކަން ވަނީ ނާކާމިޔާބުވެފައެވެ. އެހެންކަމުން، މިހާރު ސަރުކާރުން ރާވަނީ ހިއްސާ ޑައިލޫޓްކޮށް (އާ ހިއްސާ އުފައްދައި)، ސަރުކާރަށް މެޖޯރިޓީ ހޯދައިގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

މަގުއްދުވާގެ ހެޑްލީސް ތުރުކީ ކުންފުންޏަށް ބަދަލުކޮށްފިނަމަ، އެމްޓީޑީސީއަށް ލިބެން އޮތް އާމްދަނީން އަހަރަކު ގާތްގަނޑަކަށް 4 މިލިއަން ޑޮލަރު ގެއްލިގެންދާނެއެވެ. މިއީ އާންމު ހިއްސާދާރުންނާއި ރައްޔިތުންނަށް ލިބޭނެ ބޮޑު ހިޔާނާތެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރެއެވެ. އެމްޓީޑީސީއަށް މިހާރު އާމްދަނީ ލިބެނީ މަގުއްދުވާގެ އިތުރުން ބ.ކިހަވައް ހުރަވަޅިންނެވެ. މީގެ އިތުރުން ހދ. ނާގޮއްޓާއި ހުޅުމާލޭގައި އޮފީސް އިމާރާތެއް ތަރައްގީކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

ގިނަ އަހަރުތަކެއް ވަންދެން ގެއްލުމުގައި ހިންގުމަށްފަހު، މިހާރު ފައިދާވާން ފަށާފައިވާ މި ކުންފުނީގެ ކޮންޓްރޯލް ސަރުކާރުން ނަގައި، ރައީސް މުއިއްޒުގެ ވެރިކަމުގައި މިފަދަ "ކަޓު" މުއާމަލާތްތައް ހިންގަން އުޅުމަކީ އާންމު ހިއްސާދާރުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް