ދުނިޔެ

އީރާންގެ ހަމަލާއެއްގެ ބިރަށް ޓްރަމްޕު ތުރުކީ އެއާޕޯޓުން ފިލީ ކޭޓަރިން ޓްރަކެއްގައި

ހއ

ހުސެއިން އާދަމް

11 އޯގަސްޓް 2026
15:18
އީރާންގެ ހަމަލާއެއްގެ ބިރަށް ޓްރަމްޕު ތުރުކީ އެއާޕޯޓުން ފިލީ ކޭޓަރިން ޓްރަކެއްގައި

މިދިޔަ މަހު ތުރުކީގައި ބޭއްވި ނޭޓޯ ސަމިޓް ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަތުމުގެ ތެރޭގައި، އީރާނުން ދީފާނެ ހަމަލާއަކުން ރައްކާތެރިވުމަށްޓަކައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަރަށް ސިއްރު އަދި ރޭވުންތެރި ގޮތަކަށް ފްލައިޓް ބަދަލުކުރައްވާފައި ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކެމެރާތަކަށް ފެންނާނެހެން ރައީސް ޓްރަމްޕް އެއަރ ފޯސް ވަން އަށް އަރައިވަޑައިގަތުމަށްފަހު، ކާބޯތަކެތި އުފުލާ ލޮރީއެއްގެ (ކޭޓަރިންގ ޓްރަކް) އެހީގައި ވަނީ ސިއްރުން އަސްކަރީ ފްލައިޓަކަށް ބަދަލުކުރެވިފައެވެ. ފްލައިޓްގައި ތިބި ނޫސްވެރިންނާއި ވައިޓް ހައުސްގެ ބައެއް މުވައްޒަފުންނަށް ވެސް ރައީސް ފްލައިޓުން ބޭލިކަމެއް ނޭނގެއެވެ.

ބީބީސީގެ ޕާޓްނަރެއް ކަމަށްވާ ސީބީއެސް ނިއުސްއަށް މައުލޫމާތު ދިން އޮފިޝަލުން ބުނި ގޮތުގައި، އެމެރިކާގެ ފްލައިޓަށް އަމާޒުކޮށް އީރާނުން މިސައިލް ހަމަލާއެއް ދީފާނެކަމުގެ ސައްހަ މައުލޫމާތު ވަނީ ލިބިފައެވެ. ނަމަވެސް ވައިޓް ހައުސްއިން މިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އަންކާރާގައި ބޭއްވި ސަމިޓުގެ ތެރޭގައި ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާއަކީ އީރާނުގެ "ނަންބަރު އެކެއްގެ އަމާޒު" ކަމަށެވެ. ޓްރަމްޕް ފްލައިޓް ބަދަލު ކުރުމުގެ މި ސިއްރު އޮޕަރޭޝަން ހިންގާފައިވަނީ، އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތައް ނާކާމިޔާބުވެ، އެމެރިކާއިން އަލުން އީރާނަށް އަސްކަރީ ހަމަލާތައް ދޭން ފެށިތާ އެއް ދުވަސް ފަހުންނެވެ.

ޓްރަމްޕް ތުރުކީއަށް ވަޑައިގަތީ ގަތަރުން ހަދިޔާކުރި އާ ބޯއިންގ 747-8 މަރުކާގެ ފްލައިޓެއްގައެވެ. ނަމަވެސް އެނބުރި ވަޑައިގަންނަވާނީ ކުރީގެ ހަނދާންތައް އައުކުރުމުގެ ގޮތުން ބޭނުންކުރަމުން އައި ފްލައިޓްގައި ކަމަށް ވިދާޅުވެފައިވެއެވެ. ޖުލައި 8 ވަނަ ދުވަހު އޭނާ އެއަރ ފޯސް ވަން އަށް އަރައިވަޑައިގަންނަވާ މަންޒަރު ފެނުނު ނަމަވެސް، ވޮޝިންޓަން ޕޯސްޓުން ބުނާ ގޮތުގައި އޭނާ ވަނީ ސިއްރުން C-32A މަރުކާގެ ކުޑަ އަސްކަރީ ފްލައިޓަކަށް ބަދަލުކުރެވިފައެވެ.

ދިފާއީ ވަޒީރު ޕީޓް ހެގްސެތު އެހެން ސިޑިއަކުން އެ ފްލައިޓަށް އަރައިވަޑައިގަތީ، އެއީ އާދައިގެ ދަތުރެއްކަން ދެއްކުމުގެ ގޮތުންނެވެ. އެއަރ ފޯސް ވަންގައި ތިބި ނޫސްވެރިންނަށް އެންގީ ކުޑަދޮރުތަކުގެ ފަރުދާތައް ދަމައި ބަންދުކުރުމަށެވެ. އެ ވަގުތު ރައީސް ފްލައިޓްގައި ނެތްކަމެއް އެމީހުންނަކަށް ނޭނގެއެވެ.

އާންމުކޮށް ރައީސް އިންނަވާ ކޮންމެ ފްލައިޓަކަށް "އެއަރ ފޯސް ވަން" ގެ ނަން ބޭނުންކުރި ނަމަވެސް، މި ފަހަރު ސިއްރު ހިފެހެއްޓުމަށްޓަކައި ޓްރަމްޕް އިންނެވި ފްލައިޓަށް ބޭނުންކުރީ "ރީޗް 18" އެވެ. އަދި ނޫސްވެރިން ތިބި ފްލައިޓަށް "އޭއެފް1" ގެ ނަން ބޭނުންކުރަމުން ދިޔައީ އޮޅުވާލުމުގެ ބޭނުމުގައެވެ.

އިނގިރޭސިވިލާތަށް ވަޑައިގަތުމަށްފަހު، ޓްރަމްޕް ވަނީ އަލުން ކުރީގެ އެއަރ ފޯސް ވަން ފްލައިޓަށް އަރައިވަޑައިގެންފައެވެ. އެމެރިކާއަށް އެނބުރި ވަޑައިގަތުމުގެ މަގުމަތީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން، އީރާނުގެ ނުރައްކާތަކާ ބެހޭގޮތުން ވާހަކަދެއްކެވި ނަމަވެސް ފްލައިޓް ބަދަލުކުރި ވާހަކައެއް ވިދާޅެއް ނުވެއެވެ.

ކުޑަދޮރުތައް ބަންދުކުރަން އެންގި ސަބަބާ ބެހޭގޮތުން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އެއީ ނުރައްކާތެރި ދަތުރެއް ކަމަށާއި، އޭނާގެ ފުރާނައަށް އަބަދުވެސް ނުރައްކާ އޮންނަ ކަމަށެވެ.

ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ސްޓީވަން ޗަންގް މި ރިޕޯޓްތައް ދޮގެއް ނުކުރައްވައެވެ. ނަމަވެސް އައު އެއަރ ފޯސް ވަން އަކީ ރައީސާއި މުވައްޒަފުންގެ ރައްކާތެރިކަމަށް އެންމެ ޒަމާނީ ވަސީލަތްތައް ހުރި ބޯޓެއްކަން ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިހާރު ދަނީ މި ސިއްރު މައުލޫމާތުތައް ލީކުވި ގޮތް ތަހުގީގު ކުރަމުންނެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް