ރިސޯޓްތަކުން 500 ޑޮލަރު މާރުކުރުމުގެ ބަދަލުގައި %20 މާރުކުރަން މަޖުބޫރު ކުރަނީ
ހުސެއިން އާދަމް

ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރުމަށްޓަކައި، ރިސޯޓްތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނިންމައިފިއެވެ. މި ބަދަލުތަކުގެ ތެރޭގައި ރިސޯޓްތަކަށް ލިބޭ ޖުމްލަ އާމްދަނީގެ ވަކި އިންސައްތައެއް މާރުކުރުން މަޖުބޫރުކުރުން ހިމެނެއެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނު އޮންނަ ގޮތުން، ރިސޯޓަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިހުތިޔާރު ނުވަތަ ޖުމްލަ އާމްދަނީގެ %20 މާރުކުރުމުގެ ފުރުސަތު ރިސޯޓްތަކަށް އޮވެއެވެ. ނަމަވެސް، އެމްއެމްއޭއިން މިއަދު ހާމަކުރި ގޮތުގައި، އަލަށް ގެންނަ އިސްލާހާއެކު ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮންނަ އިހުތިޔާރު އުވާލައި، ރިސޯޓްތަކަށް ލިބޭ ޑޮލަރު އާމްދަނީގެ %20 މާރުކުރުން މަޖުބޫރުވާނެއެވެ.
ކެޓަގަރީ 'އޭ' ގެ ވިޔަފާރިތައް ނުވަތަ ރިސޯޓްތަކަށް މި ބަދަލު އައި ނަމަވެސް، ކެޓަގަރީ 'ބީ' (ގެސްޓްހައުސް) އަދި ކެޓަގަރީ 'ސީ' (ސަފާރީ) އުޅަނދުތަކުން ޑޮލަރު މާރުކުރަން މިހާރު އޮންނަ އުސޫލަށް ބަދަލެއް ނާންނާނެއެވެ. އެ ފަރާތްތަކުން ކުރިއެކޭވެސް އެއްގޮތަށް މާރުކުރަން ޖެހޭނީ އާމްދަނީގެ %20 އެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާ ނޫން އެހެން ދާއިރާތަކުން ބޭރު ފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކަށް ވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން، އަހަރަކު 25 މިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރުން މަޖުބޫރުވާނެއެވެ. މިއީ ކުރިން 15 މިލިއަން ޑޮލަރުގައި އޮތް މިންވަރެކެވެ.
އެމްއެމްއޭއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި:
ކޮންމެ ރިސޯޓަކުން ވެސް ރާއްޖޭގެ ބޭންކެއްގައި ހާއްސަ އެކައުންޓެއް ހުޅުވައި، ޑޮލަރު އާމްދަނީ އެ އެކައުންޓަށް ޖަމާކުރުން.
ރިސޯޓްތަކުގައި ބޭނުންކުރާ ޕީއޯއެސް (POS) މެޝިންތަކަކީ ރާއްޖޭގެ ބޭންކުތަކަށް ފައިސާ ޖަމާވާ މެޝިންތަކަށް ހެދުން.
ބޭރުގެ ދަރަނިތަކާއި ފޮރިން އިންވެސްޓްމަންޓްތަކާ ގުޅޭ މައުލޫމާތު އެމްއެމްއޭއަށް ރިޕޯޓްކުރުން ލާޒިމްކުރުން.
މެދު ރާސްތާގައި ގެންނަން ނިންމާފައިވާ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި، ރާއްޖޭގެ އެތެރޭގައި ކުރެވޭ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއިން ކުރުން ލާޒިމްކުރުމާއި، ސަރުކާރަށް ދައްކާ ޓެކްސްތައް ރުފިޔާއިން ދައްކަން ޖެހޭ ގޮތް ހެދުން ހިމެނެއެވެ. މި ބަދަލުތަކުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ އިގްތިސާދުގައި ދިވެހި ރުފިޔާގެ ދައުރު ބޮޑުކޮށް، "ފުލް ރުފިޔާޒޭޝަން" އަކަށް ދިއުމެވެ.
އެމްއެމްއޭއިން އިތުރަށް ބުނެފައިވަނީ، ރާއްޖޭގެ ރިޒާވްގެ ހާލަތު ރަނގަޅުވަމުންދާ މިންވަރަކަށް، އެކްސްޗޭންޖް ރޭޓް ކަނޑައެޅުމުގައި މިހާރަށްވުރެ ލުއި ފްލެކްސިބަލް ނިޒާމަކަށް ބަދަލުވުމަކީވެސް އަމާޒެއް ކަމަށެވެ.