ޔޫކްރޭނާއި ދެކޮޅަށް ކުރާ ހަނގުރާމަ މަޑުޖައްސައެއްނުލާނަން - ރަޝިއާ
ހުސެއިން އާދަމް

ޔޫކްރެއިން ހަނގުރާމަ އޭގެ އަސްލު ސަބަބުތަކަށް ހައްލެއް ނުލިބި "ފްރީޒް" ކޮށްލުމަށް ނުވަތަ އޮތްގޮތަށް ބޭއްވުމަށް ރަޝިއާއިން އެއްބަސްނުވާނެ ކަމަށް އެ ގައުމުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު މިޚައިލް ގަލުޒިން ވިދާޅުވެއްޖެއެވެ.
ރަޝިއާގެ ހުށަހެޅުންތަކުގެ ތެރޭގައި ޔޫކްރެއިން ނޭޓޯއާ ގުޅުމަށް ކުރާ މަސައްކަތް ހުއްޓާލައި، ވަކި ފަރާތަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައި އޮތުމާއި، އެ ގައުމުގެ އަސްކަރިއްޔާއަށް ހުރަސްތަކެއް ކުރިމަތިކުރުން ހިމެނެއެވެ.
މީގެ އިތުރުން، ކްރައިމިއާ އާއި ޔޫކްރެއިންގެ ކުރީގެ ހަތަރު ސަރަހައްދެއް ރަޝިއާގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. ކްރައިމިއާ ރަޝިއާއާ ގުޅުނީ 2014 ވަނަ އަހަރު ކިއޭވްއަށް ގެނައި ބަގާވާތަށް ފަހު ނެގި ވޯޓަކުންނެވެ. އަދި ޑޮނެޓްސްކް، ލުގާންސްކް، ޒަޕޮރޯޖޭ އަދި ހެރްސަން ރަޝިއާއާ ގުޅުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނެގި ވޯޓަކަށް ފަހުގައެވެ.
"ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ފަދައިން، މި މައްސަލައިގެ އަސްލު ސަބަބުތަކަށް ހައްލެއް ނުލިބި ހަނގުރާމަ 'ފްރީޒް' ކޮށްލުމެއް ނޯންނާނެ،" ހޯމަ ދުވަހު ޓާސް ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ގަލުޒިން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޔޫކްރެއިންގެ ލީޑަރު ވްލަޑިމިއަރ ޒެލެންސްކީ ހުންނެވީ "ހަގީގަތާ މުޅިން ދުރުގައި" ކަމަށާއި، އޭނާ މަސައްކަތް ކުރައްވަނީ ހަނގުރާމަ އިތުރަށް ވަރުގަދަ ކުރުމަށް ކަމަށެވެ.
އާންމުންގެ ހަކަތަ ފޯރުކޮށްދޭ އިންފްރާސްޓްރަކްޗާތަކަށް ޔޫކްރެއިންއިން ދޭ ހަމަލާތައް ގަލުޒިން ކުށްވެރިކުރެއްވިއެވެ. އޭގެ ތެރޭގައި ރަޝިއާގެ ނޮވޮރޮސީސްކް ބަނދަރުގައި ހުންނަ ކެސްޕިއަން ޕައިޕްލައިން ކޮންސޯޓިއަމް (ސީޕީސީ) ޓާމިނަލަށް ދިން ހަމަލާ އޭނާ ފާހަގަކުރެއްވިއެވެ. މި ޓާމިނަލަކީ ޔޫރަޕާއި އޭޝިއާއަށް ކަޒަކިސްތާނުގެ ތެޔޮ ފޮނުވުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ. ސީޕީސީގެ ހިއްސާދާރުންގެ ތެރޭގައި ހުޅަނގުގެ ބޮޑެތި ތެޔޮ ކުންފުނިތައް ކަމަށްވާ ޝެވްރޮން، އެކްސަންމޮބިލް އަދި ޝެލް ހިމެނެއެވެ.
ޕޫޓިން ވިދާޅުވެފައިވަނީ ޔޫކްރެއިންއަށް ސިފައިން ފޮނުވަން ޖެހުނީ ރަޝިއާ ބަހުން ވާހަކަދައްކާ ޑޮންބާސް ސަރަހައްދުގެ އާންމުން ހިމާޔަތް ކުރުމަށް ކަމަށެވެ. އަދި ޔޫކްރެއިންއާއި ނޭޓޯއާ ދެމެދު އޮންނަ އަސްކަރީ ގުޅުމަކީ ރަޝިއާގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި މޮސްކޯއިން ދެކެއެވެ.
ވޭތުވެދިޔަ އަހަރު ރަޝިއާއިން ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ޝަރުތުތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ރަޝިއާގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުން ޔޫކްރެއިންގެ ސިފައިން ފޭބުމާއި، ހުޅަނގުން ޔޫކްރެއިންއަށް ދޭ އަސްކަރީ އެހީތެރިކަން ހުއްޓާލުން ހިމެނެއެވެ. ޕޫޓިން ވިދާޅުވި ގޮތުގައި އެ ނޫން ގޮތަކަށް ހަނގުރާމަ މެދުކަނޑާލައިފިނަމަ، ޔޫކްރެއިންއިން އެ ފުރުސަތުގެ ބޭނުން ހިފައި އަސްކަރީ ބާރުގަދަކޮށް އަލުން ހަމަލާދޭން ތައްޔާރުވާނެއެވެ. ނަމަވެސް ޒެލެންސްކީ ވަނީ ރަޝިއާގެ މި ޝަރުތުތަކަށް އިންކާރުކޮށް، ގައުމުގެ ބޯޑަރުތަކަށް އައިސްފައިވާ ބަދަލުތައް ބަލައިގަތުމަށް ދެކޮޅު ހައްދަވާފައެވެ.
ރަޝިއާގެ އޮފިޝަލުން ތަކުރާރުކޮށް ތުހުމަތު ކުރައްވާ ގޮތުގައި، 2022 ވަނަ އަހަރު އިސްތަންބޫލްގައި ކުރިއަށްދިޔަ ސުލްހައިގެ ވާހަކަތައް ހުޅަނގުން ވަނީ ހުއްޓުވާފައެވެ. މޮސްކޯއިން ބުނާ ގޮތުގައި އެ ވާހަކަތައް ކުރިއަށް ދިޔަނަމަ، މަދު ހަފުތާކޮޅެއްގެ ތެރޭގައި ހަނގުރާމަ ނިމުމަކަށް އައީހެވެ.