ތިނަދޫގެ އާބާދީ އޮޅުވާލި ކަމުގެ ތުހުމަތަށް ސައުދު ޕޮލިހަށް ހާޒިރުކޮށްފި
ހުސެއިން އާދަމް

ގދ. ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށްޓަކައި އެ ރަށުގެ އާބާދީގެ މައުލޫމާތު އޮޅުވާލާފައިވާ ކަމަށް ކުރެވޭ ތުހުމަތުގައި، މޭޔަރު ސައުދު އަލީ މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ. މިކަމާ ގުޅިގެން ސައުދު ވިދާޅުވީ، އޭނާ ފުލުހަށް ހާޒިރުކުރީ ތިނަދޫގައި އަލުން މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ތައްޔާރީތައް ވަމުންދަނިކޮށް ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދެއްވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުއެވެ. އެ ދުވަސްވަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ރަށުގެ ރަޖިސްޓްރީވެފައިވާ އާބާދީއަކީ ގާތްގަނޑަކަށް 8،000 އެވެ. ނަމަވެސް އޭރު ރަށުގައި އުޅެނީ ގާތްގަނޑަކަށް 5،000 މީހުންނެވެ. ގާނޫނީ ގޮތުން ސިޓީއެއްގެ ދަރަޖަ ލިބެނީ 10،000 މީހުންގެ އާބާދީއެއް އޮވެގެންނެވެ.
ރައީސް ސޯލިހު އޭރު ވިދާޅުވެފައިވަނީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ހަމަވާތީ، އެމަނިކުފާނުގެ ރިޔާސީ ވައުދާ އެއްގޮތަށް ތިނަދޫ ސިޓީއަކަށް ހަދަން ނިންމެވީ ކަމަށެވެ. އެހެންނަމަވެސް، އާބާދީގެ ކަންކަމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އާންމުންގެ ބަޔަކު ވަނީ ފުލުހަށާއި އޭސީސީއަށް މައްސަލަ ހުށަހަޅާފައެވެ. މި މައްސަލައިގެ ތަހުގީގަށް އޭސީސީން ވަނީ މިދިޔަ އަހަރު ކައުންސިލް އިދާރާ ބަލައި ފާސްކޮށް ބައެއް ލިޔެކިޔުންތައް ގެންގޮސްފައެވެ.
މޭޔަރު ސައުދު ތުހުމަތު ކުރައްވާ ގޮތުގައި، މައްސަލަ ހުށަހެޅިތާ ގިނަ ދުވަސްތަކެއް ފަހުން އޭނާ ހާޒިރުކުރީ ސިޔާސީ ބޭނުމަކަށެވެ. އޭނާ ވިދާޅުވީ ކިތަންމެ ހުރަސްތަކެއް ކުރިމަތިކުރިޔަސް، އޮގަސްޓް 20 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އާބާދީގެ އަހަރީ ދުވަހުގެ ހަރަކާތްތައް ބާއްވާނެ ކަމަށެވެ. މީގެ ކުރިން އެލްޖީއޭއިން ކުރިއަށްގެންދިޔަ އިންކުއަރީއަކާ ގުޅިގެން ސައުދު ތިން މަސް ދުވަހަށް ސަސްޕެންޑް ވެސް ކުރިއެވެ.