މުއިއްޒު ރުޅިގަދަވެގެން ކެބިނެޓް ބައްދަލުވުން ކުއްލި ގޮތަކަށް ނިންމާލައިފި ކަމަށް ބުނެފި
ހުސެއިން އާދަމް

ސަރުކާރަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ނުލިބޭތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައެއް ވަޒީރުންނާ ސުވާލު ކުރައްވައި، ރުޅިގަދަވެ، ބައެއް ވަޒީރުންނަށް ބަވާލުމަށްފަހު މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުން ކުއްލި ގޮތަކަށް ނިންމާލާފައިވާ ކަމަށް ސިއްރު މަސްދަރަކާއި ހަވާލާދީ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފިއެވެ.
މި ބައްދަލުވުމުގެ މައުލޫމާތު އެނގޭ މަސްދަރަކުން ބުނި ގޮތުގައި، މިއަދުގެ ކެބިނެޓް ބައްދަލުވުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ ރެކޯޑް ކުރައްވާފައެވެ.
އެ މަސްދަރުން ބުނި ގޮތުގައި، ސަރުކާރުގެ އާމްދަނީގެ އަމާޒުތަކަށް ވާސިލްނުވެވުނު ސަބަބާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އާއި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އާއި ރައީސް މުއިއްޒު ސުވާލު ކުރެއްވިއެވެ. އަދި ރާއްޖޭގެ މާލީ ރިޒާވް ހުސްވުމުގެ ޒިންމާ ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ ބޮލުގައި ރައީސް އެޅުއްވި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުން، ތަރައްގީ ކުރަމުންދާ ރަށްތަކާއި އެ މަޝްރޫއުތަކުން ލިބެންޖެހޭ ފައިސާއާ ގުޅޭގޮތުން ވެސް ސުވާލު އުފެއްދެވިއެވެ. ލިބޭނެ ކަމަށް އުންމީދުކުރި ފައިސާ މިހާތަނަށް ސަރުކާރަށް ނުލިބިވާ ސަބަބާ މެދު ރައީސް ކަންބޮޑުވުން ފާޅުކުރި ކަމަށް އެ މަސްދަރުން ބުންޏެވެ.
ކެބިނެޓް ބައްދަލުވުމުގެ ވަކިހިސާކުން ރައީސް މުއިއްޒު ވަރަށް ބޮޑަށް ރުޅިގަދަވެ ކުއްލި ގޮތަކަށް ކެބިނެޓް ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ނުކުމެވަޑައިގަތީ ކަމަށް މައުލޫމާތު ލިބެއެވެ.
އަދި ކުރީގެ ފިނޭންސް މިނިސްޓަރު ޒަމީރުގެ ކޮއްކޮ، ކެބިނެޓް ސެކްރެޓަރީ ހަބީބަށް ވެސް ރައީސް އޮފީހުގެ އިސް އޮފިޝަލުންގެ ފާޑުކިޔުން އަމާޒުވި ކަމަށް އެ މަސްދަރުން ބުނެއެވެ.
މި ކުރިމަތިލުންތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަމީން ވަރަށް ބޮޑަށް ރުޅިގަދަވި ކަމަށް ބުނެވެއެވެ. އެ މަސްދަރުން ބުނި ގޮތުގައި، އޭނާގެ ހަޔާތުގައި ވެސް މިހާ ބޮޑު އިހުތިރާމް ކުޑަ އަމަލަކާ ކުރިމަތިލާން ޖެހިފައިނުވާ ކަމަށް އަމީން އޭނާގެ ގާތް މީހުން ގާތު ވިދާޅުވިއެވެ.
ރައީސް އޭނާއާ ދަށް ފަންތީގެ ބަހުރުވައިން ވާހަކަދެއްކުމުން އަމީން ޝަކުވާ ކުރެއްވި ކަމަށާއި، ހާއްސަކޮށް އޭނާގެ "ބޭފުޅުނިޒަމް"އަށް ކުރި އިހުތިރާމް ކުޑަ އަމަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވި ކަމަށް އެ މަސްދަރުން ބުނެއެވެ.
މީގެ އިތުރުން، ރައީސް މުއިއްޒުގެ ލީޑަޝިޕާއި ރައީސް އޮފީހުގެ ތެރޭގައި އޮތް ކަމަށް ބުނާ ނުފޫޒާ ގުޅޭގޮތުން އަމީން ވަރަށް ޒާތީ އަދި ހުތުރު ބަހެއް ވިދާޅުވި ކަމަށް ވެސް އެ މަސްދަރުން ބުނެއެވެ.
ނަމަވެސް މި ވާހަކަތަކަކީ މިނިވަން މުއައްސަސާއަކުން ކަށަވަރުކޮށްފައިވާ ވާހަކަތަކެއް ނޫނެވެ. އަދި އަމީން މިފަދަ ވާހަކައެއް ދެއްކެވިކަން ކަށަވަރުކޮށްދޭ ރަސްމީ ބަޔާނެއް ވެސް ނެތެވެ.
މި ހާދިސާ ހިނގާފައި މިވަނީ ސަރުކާރުގެ އާމްދަނީއާއި، ދައުލަތުގެ މާލިއްޔަތާއި، ތަރައްގީގެ މަޝްރޫއުތަކުން ލިބެންޖެހޭ ފައިސާއާ މެދު ސުވާލުތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މިކަން ކަށަވަރުވެއްޖެ ނަމަ، މިއީ ގައުމުގެ މާލީ ހާލަތު ގޯސްވަމުންދާތީ އާއި އާމްދަނީގެ އަމާޒުތަކަށް ވާސިލްވުމުގައި ސަރުކާރުގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަން ހާމަވެގެންދާނެ ކަމެކެވެ.