ޚަބަރު

އިޓަލީގެ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނަށް ޒިޔާރަތް ކުރެއްވި ރައީސް ގެއްލިފައިވާ ދިވެހިންގެ މަތިން "ހަނދާނެއް ނެތް"

ހއ

ހުސެއިން އާދަމް

08 އޯގަސްޓް 2026
14:02
އިޓަލީގެ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނަށް ޒިޔާރަތް ކުރެއްވި ރައީސް ގެއްލިފައިވާ ދިވެހިންގެ މަތިން "ހަނދާނެއް ނެތް"

މީގެ ދެތިން މަސްކުރިން ވ.އަތޮޅުގެ ކޭވްއެއްގެ ތެރެއަށް ގެއްލުނު އިޓަލީގެ ޑައިވަރުންތަކެއް ހޯދުމުގެ މަސައްކަތް ކުރިއަށްދިޔަ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒިޔާރަތްކުރައްވާ އެއޮޕަރޭޝަންގެ މައުލޫމާތު އޭރު ހޯއްދެވި ނަމަވެސް މީގެ ތިން ދުވަސް ކުރިން ކަނޑުމަތީގައި ގެއްލުނު ތިން ދިވެހިން ހޯދުމުގެ އޮޕަރޭޝަން ކުރިއަށްދާ ގޮތް ވެސް ބައްލަވާނުލައްވާ އަދި އެމީހުންގެ އާއިލާތަކުގެ ހާލު ބައްލަވާލެއްވުމަށް ރައީސްގެ ފަރާތްޕުޅުން އާއިލާތަކަށް ގުޅުއްވުމަށް ނުވަތަ ޒިޔާރަތްކުރެއްވުންފަދަ ކަމެއް ވެސް ނުކުރައްވާތީ ބައެއް މީހުން ފާޑުކިޔަން ފަށައިފިއެވެ.

"ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ސަލާމަތީ ބާރުތަކުގެ ދެ އޮފިސަރުންނާއި ދިވެހި އާންމު ރައްޔިތެއްގެ އާއިލާއިން ވަނީ، މި ދަތި ދަނޑިވަޅުގައި ރައީސްގެ ފަރާތްޕުޅުން ސީދާ މުއާމަލާތެއް ކޮށްފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، އިބްރާހީމް އަހުމަދާއި، އަލީ ނާފިއު އަދި މުހައްމަދު ހަމްދޫންގެ އާއިލާތަކުން ތިބީ ނުތަނަވަސްކަމާއެކު ޚަބަރެއްގެ އިންތިޒާރުގައެވެ.

ގެއްލުނު ތިން ދިވެހިން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ސަރުކާރުގެ އެންމެ މަތީ ފަންތިން ހިތްވަރު ދިނުމަށާއި މިކަމުގައި ބައިވެރިވުން އިތުރުކުރުމަށް އާއިލާތަކުން ދަނީ އެދެމުންނެވެ. އާއިލާތަކަށް މިއީ ހަމައެކަނި ހޯދުމުގެ އޮޕަރޭޝަނެއް ނޫނެވެ. އެމީހުންގެ ލޯބިވާ މީހުންގެ ޚަބަރަކަށް އިންތިޒާރު ކުރަމުންދާއިރު، ސަރުކާރުގެ ފަރާތުން ސީދާ މުއާމަލާތް ކުރުމާއި، އެހީތެރިކަމާއި ޔަގީންކަން ބޭނުންވެއެވެ.

ގެއްލުނު ތިން ދިވެހިން ހޯދުމުގެ މަސައްކަތް ހަތަރު ވަނަ ދުވަހަކަށް ކުރިއަށްދާއިރު، އެމްއެންޑީއެފް އާއި ފުލުހުން ދަނީ އެމީހުން ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުންނެވެ.

ގެއްލިގެން ހޯދަމުންދަނީ އެމްއެންޑީއެފްގެ އޮފިސަރު އިބްރާހީމް އަޙްމަދާއި، ފުލުހުންގެ އޮފިސަރު ޢަލީ ނާފިއު އަދި އެ ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ލާމު އަތޮޅުން ގއ. އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށް ގޮސްފައިވަނީ ގއ. ކުޑަލަފާރި އާ ގާތްގަނޑަކަށް 4.1 ނޯޓިކަލް މޭލު ބޭރުންނެވެ.

ހިލަ އާއި ހިލަވެލި ބަރުކޮށްގެން ޅ. އަތޮޅު ފަޅުރަށެއް ކަމަށްވާ ހަނދަހަށް ދަތުރުކުރި މި އުޅަނދު އަޑިއަށް ދާން ފެށީ ރާޅެއް އަރައި ދިޔަވާން ފެށުމުގެ ސަބަބުންނެވެ.

އުޅަނދުގައި ތިބި މީހުން ސަލާމަތްކުރުމަށާއި އުޅަނދު އަޑިއަށް ދިޔަ ނުދިނުމަށް އެމްއެންޑީއެފް އާއި ފުލުހުން ކުއްލި އޮޕަރޭޝަނެއް ފެށިއެވެ. މި ތިން މީހުން ގެއްލިފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު ހިންގި މި އޮޕަރޭޝަނުގެ ތެރޭގައެވެ.

އުޅަނދުގައި ކެޕްޓަން މުޙައްމަދު ޙަމްދޫނާއެކު ޖުމްލަ އަށް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނޭ ބިދޭސީ ހަތް މަސައްކަތްތެރިން ސަލާމަތްކުރެވުނު ނަމަވެސް، ކެޕްޓަން ޙަމްދޫން އުޅަނދުގައި މަޑުކޮށްފައިވަނިކޮށް، އޭނާ ސަލާމަތްކުރަން އުޅުނު ދެ އޮފިސަރުންނާއެކު ވަނީ ގެއްލިފައެވެ.

އެމްއެންޑީއެފުން އަންދާޒާކުރާ ގޮތުގައި އެ އުޅަނދު އަޑިއަށް ގޮސްފައިވަނީ ގާތްގަނޑަކަށް 1,645 މީޓަރު ފުން ސަރަހައްދަކަށެވެ. ނަމަވެސް، އުޅަނދު އަޑިއަށް ދިޔަ ސީދާ ތަނުގެ ފުންމިން އަދި ކަށަވަރު ނުވާކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ސިފައިން ދީފައިވާ ފުންމިނަކީ އަންދާޒީ އަދަދެއް ކަމަށާއި، އުޅަނދު އޮތް ސީދާ ފުންމިން އަދި ނޭނގޭ ކަމަށެވެ.

އަދި އަންދާޒާކުރެވޭ ފުންމިނަށް އުޅަނދު އަޑިއަށް ގޮސްފައިވާނަމަ، އެ އުޅަނދު ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އޮފިޝަލް ފާހަގަކުރެއްވިއެވެ. މި ސަރަހައްދުގެ ފުންމިނުގެ ސަބަބުން، ގެއްލުނު ތިން މީހުން ހޯދުމަށް ކުރާ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ގެއްލުނު މީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލަމުންދިޔަ ނަމަވެސް، އަދި މިހާތަނަށް އެމީހުން ފެނިފައެއް ނުވެއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، މިހާތަނަށް ވައިގެ މަގުން 5,212 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް އަދި ކަނޑުމަގުން 1,070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.

އުޅަނދު ގެއްލުނު ސަރަހައްދު ބެލުމަށް ވައިގެ އުޅަނދުތަކާއި ކަނޑުގެ އުޅަނދުތައް ދަނީ ބޭނުންކުރަމުންނެވެ. ނަމަވެސް، މި އޮޕަރޭޝަނަށް މިހާރު ތިން ދުވަސް ވެފައިވާއިރު، އެމީހުންގެ އެއްވެސް ޚަބަރެއް ލިބިފައެއް ނުވެއެވެ.

ޓެގްތައް

ކޮމެންޓް (1)

ކޮމެންޓް ލިޔުމަށް

Kurafi09 އޯގަސްޓް 2026 04:00

Dolar nulibey thy dhivehin veema ihusaas nuvee