ރަޝިޔާ އަދި ޗައިނާއާއެކު ހިނގައިފާނެ ހަނގުރާމައަކަށް އެމެރިކާއިން ނިއުކްލިއާ ސިޔާސަތެއް އެކުލަވާލަނީ
ހުސެއިން އާދަމް

ރަޝިޔާ ނުވަތަ ޗައިނާއާއެކު ކުރިމަތިވެދާނެ ހަނގުރާމައެއްގައި، އެމެރިކާގެ ރައީސަށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ ފުޅާ އިޚްތިޔާރުތަކެއް ލިބިދޭނެ ފަދަ ނިއުކްލިއާ އިސްތިރާތީ ސިޔާސަތެއް ޕެންޓަގަނުން އެކުލަވާލަމުންދާ ކަމަށް، މި މަސައްކަތުގެ މައުލޫމާތު ހުރި މަސްދަރުތަކާ ހަވާލާދީ ބުދަ ދުވަހު އެންބީސީން ރިޕޯޓުކޮށްފިއެވެ.
ޚަބަރުތައް ބުނާގޮތުގައި، އަލަށް ހުށަހަޅާ މި އުސޫލުގައި ބޮޑަށް އިސްކަންދޭނީ ދުރު ރާސްތާގެ ސްޓްރެޓީޖިކް ނިއުކްލިއާ ހަތިޔާރުގެ ބަދަލުގައި، ސަރަހައްދީ ހަނގުރާމަތަކުގައި ބޭނުންކުރާ ކުރު ރާސްތާގެ ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރަށެވެ.
އެންބީސީން ބުނާގޮތުގައި، މި ސިއްރު މުރާޖައާގެ މަގްސަދަކީ ސަރަހައްދީ ހަނގުރާމައެއްގައި އެމެރިކާގެ ބައިވެރިންނަށް ރަޝިޔާ ނުވަތަ ޗައިނާގެ ފަރާތުން ހަމަލާއެއް އަތުވެދާނެ ހާލަތްތަކަށް ތައްޔާރުވުމެވެ. މި މަސައްކަތް ބަލަހައްޓަވަނީ ޕެންޓަގަނުގެ ޕޮލިސީ ޗީފް އެލްބްރިޖް ކޯލްބީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ދިފާއީ އޮފިޝަލުން އެންބީސީއަށް ވިދާޅުވި ގޮތުގައި، މީގެ ބޭނުމަކީ ރައީސަށް "ހަގީގީ އަދި އިތުބާރު ހުރި" ނިއުކްލިއާ އިޚްތިޔާރުތަކެއް ފޯރުކޮށްދިނުމެވެ. އަދި އިޚްތިޔާރުތައް ގިނަވުމަކީ "ހަމަލާއެއް ދިނުމަށް އޮންނަ ބިރުވެރިކަން އިތުރުވާނެ" ކަމެއް ކަމަށް އެ ބޭފުޅުން ވަކާލާތު ކުރައްވައެވެ.
މި މުރާޖައާގެ ޚަބަރު މި ފެންމަތިވީ، އެމެރިކާ އާއި ރަޝިޔާގެ ސްޓްރެޓީޖިކް ނިއުކްލިއާ ހަތިޔާރުތައް ހިފެހެއްޓުމަށް އޮތް އެންމެ ފަހު ދެފަރާތުގެ އެއްބަސްވުން ކަމަށްވާ "ނިއު ސްޓާޓް" މުއާހަދާގެ މުއްދަތު ހަމަވިތާ ހަ މަސް ފަހުންނެވެ. 2010 ގައި ސޮއިކޮށް، 2021 ގައި މުއްދަތު އިތުރުކުރި މި މުއާހަދާގެ ދަށުން ކޮންމެ ގައުމަކަށްވެސް ބޭނުންކުރެވޭނީ ގިނަވެގެން 1,550 ނިއުކްލިއާ ވޯހެޑް އަދި 700 ޑެލިވަރީ ސިސްޓަމެވެ. މި މުއާހަދާގެ މުއްދަތު މިދިޔަ ފެބްރުއަރީ މަހު ހަމަވީ ބަދަލުގައި އެހެން އެއްބަސްވުމެއް ނެތިއެވެ.
މުއާހަދާގެ މުއްދަތު ހަމަވި ނަމަވެސް، އެމެރިކާއިން ވެސް އެގޮތަށް އަމަލުކުރާނަމަ، ވޯހެޑްތަކުގެ އަދަދު އިތުރުކޮށް "މަސްރަހު ގޯސްކުރުމަށް ފުރަތަމަ ފިޔަވަޅު އަޅާ ބަޔަކަށް" ނުވާނެ ކަމަށް މޮސްކޯއިން ބުނެފައިވެއެވެ.
މުއާހަދާ އުވުމުގެ ކުރިން، ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ހުށަހެޅުއްވީ އާ އެއްބަސްވުމަކަށް މަޝްވަރާކުރަމުންދާއިރު، އިތުރު އެއް އަހަރަށް މިހާރު އޮތް ހިފެހެއްޓުންތަކަށް އަމަލުކުރުމަށެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ޗައިނާ ހިމެނޭ ގޮތަށް "މިއަށްވުރެ ރަނގަޅު" އެއްބަސްވުމެއް ބޭނުންވާ ކަމަށެވެ. ގާތްގަނޑަކަށް 600 ވޯހެޑް ހުރި ކަމަށް ބެލެވޭ ޗައިނާއިން މި މަޝްވަރާތަކުގައި ބައިވެރިވާން ދެކޮޅު ހަދަމުން ބުނީ، ނިއުކްލިއާ ހަތިޔާރު އެންމެ ގިނައިން ހުރި ގައުމުތަކުން ހަތިޔާރު މަދުކުރުމުގެ މައިގަނޑު ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ. މޮސްކޯއިން ދެން ބުނީ، އެއްބަސްވުން ފުޅާކުރާނަމަ ނޭޓޯގެ މެންބަރުން ކަމަށްވާ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ ނިއުކްލިއާ ހަތިޔާރުތައް ވެސް އޭގައި ހިމަނަންޖެހޭނެ ކަމަށެވެ.
ރަޝިޔާއިން 2024 ވަނަ އަހަރު އެގައުމުގެ ނިއުކްލިއާ ސިޔާސަތު އާކޮށްފައިވާއިރު، އޭގައި ބުނެފައިވަނީ ނިއުކްލިއާ ބާރެއްގެ އެހީތެރިކަމާއެކު ނިއުކްލިއާ ހަތިޔާރު ނެތް ގައުމަކުން ދޭ ހަމަލާއަކީ ގުޅިފައިވާ ހަމަލާއެއްގެ ގޮތުގައި ބަލާނެ ކަމަށެވެ. އަދި އާދައިގެ ހަތިޔާރުން ދޭ ހަމަލާއަކުން ރަޝިޔާ ނުވަތަ ބެލަރޫސްގެ މިނިވަންކަމަށް ނުރައްކާވާ ހާލަތްތަކުގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ނޭޓޯގެ ނިއުކްލިއާ ހިއްސާކުރުމުގެ އިންތިޒާމުތަކުގެ ދަށުން ޔޫރަޕްގައި އެމެރިކާގެ ނިއުކްލިއާ ހަތިޔާރު ބެހެއްޓުމަށް މޮސްކޯއިން އަބަދުވެސް ފާޑުކިޔައެވެ. ނޭޓޯގެ އެއްވެސް ގައުމަކަށް ހަމަލާދިނުމުގެ ގަސްތެއް ނެތް ކަމަށް ބުނި ނަމަވެސް، ރަޝިޔާއަށް އަމާޒުކޮށް އެފަދަ ހަތިޔާރު ބަހައްޓާ ގައުމުތަކަށް ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު އަމާޒުކުރާނެ ކަމުގެ އިންޒާރު މޮސްކޯއިން ވަނީ ދީފައެވެ.