ރައީސް، ނައިބު ރައީސް، މަޖިލިސް ރައީސް، ވަޒީރުން އަދި މަޖިލިސް މެންބަރުން ވަޑައިގެން ވޮލީ ކޯޓެއް ހުޅުވައިފި
ހުސެއިން އާދަމް

އއ. އުކުޅަހުގައި އަލަށް ބިނާކުރި އައުޓްޑޯ ވޮލީ ކޯޓު، ދައުލަތުގެ އެންމެ މަތީ ފަންތީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މި ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ކެބިނެޓްގެ ބައެއް ވަޒީރުންނާއި، މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއާއެކު، އެންމެ ވޮލީ ކޯޓެއް ހުޅުވުމުގެ ރަސްމިއްޔާތު ދައުލަތުގެ މަތީ ފަންތީގެ ބޮޑު ހަރަކާތަކަށް ވެގެންދިޔައެވެ.
މި އައުޓްޑޯ ކޯޓަކީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ 1,359,163.58 ރުފިޔާއަށް ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަސައްކަތް ޖުލައި 16 ގައި ފަށައި، ތިން ހަފުތާއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ނިންމައި، އޮގަސްޓް 5 ގައި ވަނީ ރަސްމީކޮށް ހުޅުވާފައެވެ.
މި ވަސީލަތަކީ ރަށުގެ ކުޅިވަރު އުމްރާނީ ތަރައްގީއަށް ކުރެވުނު އިންވެސްޓްމަންޓެއްގެ ގޮތުގައި ސަރުކާރުން ސިފަކުރި ނަމަވެސް، މި ރަސްމިއްޔާތު ބޭއްވި ފެންވަރުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. އެންމެ ވޮލީ ކޯޓެއް ހުޅުވުމަށް ރައީސާއި، ނައިބު ރައީސާއި، މަޖިލިސް ރައީސާއި، ވަޒީރުން އަދި މަޖިލިސް މެންބަރުން ވަޑައިގަތުމުން، ސަރުކާރުގެ އިސްކަންދޭ ކަންކަމާއި، ނިސްބަތުން ކުދި މަޝްރޫއުތަކުގެ ރަސްމިއްޔާތުތަކަށް ދައުލަތުގެ އެންމެ އިސްވެރިން މިހާ ބޮޑަށް ވަޑައިގަންނަވާތީ ވަނީ ސުވާލު އުފެދިފައެވެ.
މި ހަރަކާތް ބާއްވާފައިވަނީ ސަރުކާރުގެ ތަރައްގީގެ އެޖެންޑާއަށް ފާޑުކިޔުންތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، އާންމުކޮށް ރަށު ކައުންސިލްތަކުން ނުވަތަ ކަމާބެހޭ މިނިސްޓްރީގެ އިސްވެރިން ހުޅުއްވައިދެއްވާ ފަދަ މަޝްރޫއުތަކަށް، ގައުމުގެ އެންމެ މަތީ ލީޑަޝިޕް ބައިވެރިވާ ބޮޑެތި ރަސްމިއްޔާތުތައް ދަނީ އިންތިޒާމު ކުރެވެމުންނެވެ.